ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން، އެ ސިންޑްރޯމް ތަޙައްމަލުކުރާ ކުދިންނާއި މީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ އަދި އިންސާނެއްގެ މަސްއޫލިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އަދި މުހުތާދުތަކުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ އަޅައިލުމަކީ ދެމިހުންނަނިވި ޞަދަޤާތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޝިޢާރާ ގުޅުވައިގެން ރައީސް ވިދާޅުވީ، އެއްވެސް މީހަކު މުޖުތަމަޢުން ބާކީ ނުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެންމެން ޝާމިލްވާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވެސް ވަނީ 'އެކްސް' ގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ، އެކި މީހުންނަށް ދިރިއުޅުން ތަޖުރިބާކުރެވޭ ގޮތް ތަފާތުވުމަކީ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ގިނަ ފަހަރަށް އެކަހެރިކަމާ ކުރިމަތިލާންޖެހުނު ނަމަވެސް، އެމީހުންނަކީ އެހެން މީހުންނާ މުޢާމަލާތުކުރުމުގައި ނުހަނު ލޯތްބާއި އޯގާތެރިކަން އިސްކުރާ ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ