ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި ޖަލު ބަންދުކޮށްފައި ހުރި އެރަށު ވިނަރެސް، ހަސަން ފަވާޒު، އޭނާގެ ސިއްހީ ހާލަތާ ގުޅިގެން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ނައީމާ މަރާލި މައްސަލައިގައި ފަވާޒުގެ މައްޗަށް މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އޭނާ ޖަލު ބަންދުގައި ހުއްޓައި ލުއި ދޭން ނިންމީ، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅޭކަން ކަރެކްޝަނަލް ސަރވިސްއިން ޕީޖީގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ. އެހެންކަމުން، ޑޮކްޓަރުންގެ ލަފަޔާއި އޭނާގެ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލަން ނިންމާފައެވެ.
ކޯޓުން ފަވާޒު ދޫކޮށްލާފައިވަނީ ގިނަ ޝަރުތުތަކަކާ އެކުގައެވެ. އެގޮތުން، އިތުރު ކުށެއް ނުކުރުމާއި، ކޯޓަށް ގަޑިއަށް ހާޒިރުވުމުގެ އިތުރުން، ބޭސްފަރުވާއަށް ފިޔަވައި ރޭގަނޑު 6:00 އިން ހެނދުނު 8:00 އަށް ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. އަދި ބޭސްފަރުވާގެ ހާލަތެއްގައި ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 12:00 އާ ދެމެދު ފުލުހުންގެ މަރުކަޒަށް ގޮސް ސޮއިކުރުމަށާއި، މާލެއިން ބޭރަށް ނުދިއުމަށްވެސް ޝަރުތުކޮށްފައިވެއެވެ. މީގެ އިތުރުން، މައްސަލައިގެ ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ޕީޖީ އޮފީހަށާއި ކޯޓަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ފަވާޒު ވަނީ މި ހުރިހާ ޝަރުތަކަށް ކޯޓުގައި އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ