އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

Author
ހުސައިން
17 މާރޗް 2026 10:28
0

އދ. ދިގުރަށުގައި ފަސް މީހަކު ނިޔާވި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު ދިގުރަށުގެ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި މި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ވަނީ ނިޔާވެފައެވެ. އަދި އިތުރު ދެ މީހަކު ވަރަށް ބޮޑަށް ފިހިގެން މާލެ ގެނެސް އަންނަނީ ފަރުވާދެމުންނެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަޙްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ މި ހާދިސާގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، ނިޔާވި މީހުންގެ އާއިލާތަކަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރާ ދައުރަކީ އަގުނުކުރެވޭނެ މުހިންމު ދައުރެއްކަން ފާހަގަކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ. މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، މެޑިކަލް ޑޮކްޓަރަކުވެސް ހިމެނޭހެން މާލެއިން ހާއްސަ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.