ފިތުރު ޢީދަށް ޚާއްޞަކޮށްގެން މާލެ ސަރަހައްދުގައި ބާއްވާ "ޢީދު ހަވީރު"ގެ ތައްޔާރީތައް ފޯރީގައި

ފިތުރު ޢީދަށް ޚާއްޞަކޮށްގެން މާލެ ސަރަހައްދުގައި ބާއްވާ "ޢީދު ހަވީރު"ގެ ތައްޔާރީތައް ފޯރީގައި

Author
ޙަސަން މުޙައްމަދު
17 މާރޗް 2026 10:26
0

ފިތުރު ޢީދުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު" ގެ ތައްޔާރީތައް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ފަށައިފިއެވެ.

އެމްއެންޑީއެފްއިން އިސްނަގައިގެން އިންތިޒާމުކުރާ މި ހަރަކާތުގައި މިއަހަރު ސަރުކާރު ހިއްސާވާ 12 ފަރާތަކުން ބައިވެރިވާއިރު، މި ހަރަކާތްތައް ކުރިއަށްދާނީ ޢީދު ދުވަހާއެކު ޖެހިޖެހިގެން 3 ދުވަހު، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. މިއަހަރުގެ ޢީދު ހަވީރު ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. އެގޮތުން މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ހަރަކާތްތައް ބާއްވާއިރު، ހުޅުމާލޭގެ ހިޔާ ޕާކާއި ސެންޓްރަލް ޕާކުގެ އިތުރުން މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް ކުޅިވަރުތައް އޮންނާނެއެވެ. މާލޭގެ ހަރަކާތްތައް އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުން ފެށިގެން ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމާއި ފަޅުތެރެ ހިމެނޭހެން ކުރިއަށްދާނެއެވެ.

މި ހަރަކާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ފަރުހާދު ނަސީރު ވިދާޅުވީ، ފުލުހުންގެ ސްޓޯލްތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން 4 ސަރަހައްދުގައިވެސް ހުންނާނެ ކަމަށެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއެކު ރައްކާތެރި އުފާވެރި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ކޯޕަރޭޓް މާކެޓިންގ އެންޑް ސީއާރްއެސް މެނޭޖަރ ފާތިމަތު ޝަރުވާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ސްޓޯލް ކުރިއަށް ގެންދާނީ ހަމައެކަނި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެހެން އަހަރުތަކާ ޚިލާފަށް ތަފާތު އިންތިޒާމުތަކަކާއެކު އެސްޓީއޯގެ ސްޓޯލް 3 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ހުރިހާ އުމުރަކަށް ގުޅޭ ކުޅިވަރުތައް ހުންނާނެ ކަމަށާއި، ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ޢީދު ހަދިޔާއެއް ލިބޭނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.