ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސަނީ އުމަރުގެ މައްޗަށް 5 ދައުވާއެއް އުފުލައިފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސަނީ އުމަރުގެ މައްޗަށް 5 ދައުވާއެއް އުފުލައިފި

Author
ޙަސަން މުޙައްމަދު
16 މާރޗް 2026 11:10
0

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތިން ދައުވާއަކާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލާފައިވާ ދެ ދައުވާއެކެވެ.

މީގެ ތެރެއިން އެންމެ ސީރިއަސް އެއް މައްސަލައިގެ ގޮތުގައި އުފުލާފައިވަނީ، ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު 2025 އާ ހަމައަށް އެކި ދުވަސްމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެވެ. މި ދައުވާ އުފުލާފައިވަނީ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އެ ކުއްޖާގެ ހަށިގަނޑުގައި އަތްލާފައިވާކަމަށް ތުހުމަތުކޮށެވެ.

ދެން ހިމެނެނީ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ކުރެވޭ ތުހުމަތުތަކެކެވެ. އެގޮތުން، އެއް ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އަދި އަނެއް ކުއްޖާގެ އުމުރުން 9 ނުވަތަ 10 އަހަރުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އެ ކުދިންގެ ގައިގައި އަތްލާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ޙުސައިން ސަނީ ޢުމަރު މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.