މާލޭގެ ލޯކަލް މާރުކޭޓް މިހާރު ހުރި ބިމުގައި ހަ ފަންގިފިލާގެ ޒަމާނީ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި މަސައްކަތާ ހަވާލުވި ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން ތިންލައްކަ ފަންސާސް ނުވަހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު) ރުފިޔާ އަށެވެ.
މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ކޮމްޕްލެކްސްގެ ބޭސްމަންޓް ހާއްސަކުރާނީ އާންމުންނަށް ފަސޭހައިން ޕާކުކުރެވޭނެ އިންތިޒާމަށެވެ. އަދި ގްރައުންޑް ފްލޯގައި ފިޝް މާރުކޭޓެއް ގާއިމުކުރާއިރު، ފުރަތަމަ ފަންގިފިލާއިން ފެށިގެން ތިންވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓެކެވެ. މީގެ އިތުރުން ހަތަރުވަނަ ފަންގިފިލާގައި ޒަމާނީ ފުޑް ކޯޓެއް ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ ޒަމާނީ މާހައުލެއް ގާއިމުކުރުމަށް ހިންގާ މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު ފެއްޓެވުމަށް ނިންމެވި މުހިންމު މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ