މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި، ދައުލަތުން ދެމުންގެންދާ ސަބްސިޑީގެ އިތުރުން އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު އެއްވަރެއްގައި ހިފަހައްޓާނެއެވެ. މިގޮތުން، އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ 1.5 ބިލިއަން ރުފިޔާގެ ފައިދާގެ ތެރެއިން މިންވަރެއް، ތެލުގެ އަގު ހެޔޮކޮށް ބެހެއްޓުމަށް 'އެބްޒޯބް' ކުރާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ސަރަހައްދީ ހަނގުރާމައެއްގެ ބިރުވެރިކަމާ ހުރެ ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ރާއްޖެއަކީ ބޭރުން ތެޔޮ އެތެރެކުރާ ގައުމަކަށް ވުމުން، މީގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަގުތުން ކުރި ނަމަވެސް، ސަރުކާރުން އެކުލަވާލި ކެބިނެޓް ކޮމިޓީން ވަނީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް މި މުހިންމު ފިޔަވަޅު އަޅާފައެވެ.
އަގު ހިފެހެއްޓުމުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީވެސް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން އެސްޓީއޯއިން ދާދި ފަހުން 24،500 މެޓްރިކް ޓަނުގެ އައު ބޯޓެއް ގަނެފައިވާއިރު، ކުރިން އޮތް 22،000 މެޓްރިކް ޓަނުގެ ބޯޓާއެކު ތެޔޮ އެތެރެކުރުމުގެ ގާބިލުކަން މިހާރު ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުންވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނާނެ އައު މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ