އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.
ރޭ ދަންވަރު 1:57 ހާއިރު ރިޕޯޓުކުރި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ތަނުގެ ބަދިގޭގައެވެ. ފުލުހުން ބުނި ގޮތުގައި، އަލިފާންގަނޑު ބޮޑުވެ ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ފުލުހުންނާއި އާންމުން ގުޅިގެން އެތެރެއަށް ވަންނަން ޖެހުނީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެންނެވެ.
ފާރު ތަޅާލައިގެން އެތެރެއަށް ވަދެ، ޚަބަރު ހުސްވެފައި ތިބި ހަތް މީހަކު ނެރެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ދުމުގެ އަސަރުކޮށްގެން ހާލު ސީރިއަސްވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ފުލުހުން ކަށަވަރުކޮށްދޭ ގޮތުގައި މި ހާދިސާގައި މަރުވި އަދި އަނިޔާވި އެންމެންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ރޭ 2:30 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިހާރު އަންނަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ