ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ރެފެރެންޑަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ނަޝީދު ގޮވާލައްވައިފި

ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ރެފެރެންޑަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ނަޝީދު ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
13 މާރޗް 2026 02:15
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް (ރެފެރެންޑަމް) ދިއުމުގެ ކުރިން، އެކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިހާރު ވަނީ މި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފަ އެވެ. މި ބަދަލާއެކު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 އަށް ހަމަވާނެ އެވެ. ނަމަވެސް، ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ ދައުރު ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެންނެވެ. އެހެންކަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު މި ވޯޓު ނެގުމަށް ގަރާރަކުން ނިންމަވާފަ އެވެ.

މި މައުޟޫއަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެންނަން އުޅެނީ ވަރަށް ބޮޑު ބަދަލަކަށް ވުމާއެކު ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން އެދިފައިވާކަން ފާހަގަކުރައްވައި، 1988 ގެ އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާއާއި، ފެނުގެ ކާރިސާގެ އިތުރުން ކޮވިޑް-19 ގެ ދަނޑިވަޅުގައި ވެސް އިންޑިއާއިން ވެދީފައިވާ އެހީތެރިކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ. އަދި ސަރަހައްދީ ހަމަޖެހުމަށްޓަކައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވުން މުހިންމުކަމަށް ވެސް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށް ސަރުކާރުން ބުނެ އެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީން ދެކޭގޮތުގައި މިއީ ރިޔާސީ ދައުރު ދިގުކުރުމަށް މަގުފަހިވެދާނެ ކަމެކެވެ. އަދި މި ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އެ ޕާޓީން ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.