މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދުކުރުމަށް، އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީ ގޮވާލައްވައިފި އެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ނޫސްވެރިޔަކު އިއްވި މުޖުތަބާގެ ފުރަތަމަ ބަޔާނުގައި ވިދާޅުވެފައިވަނީ، އަވަށްޓެރި ގައުމުތަކާ އެކު އީރާނުން ބާއްވަން ބޭނުންވަނީ އެކުވެރިކަން ކަމަށާއި އެ ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަކީ އީރާނުގެ އަމާޒުތަކެއް ކަމަށާއި، އެތަންތަނަށް ދޭ ހަމަލާތައް ކުރިއަށްދާނެކަމުގެ އިންޒާރު ވަނީ ދެއްވާފަ އެވެ.
ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަކީ ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުންނަށް ދެވޭ ފިއްތުމެއްކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި އާންމުންނާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން މީހުން ދިރިއުޅޭ އުސް އިމާރާތްތަކަށް އަމާޒުކުރަމުންދާއިރު، މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
މި ނާޒުކު ދަނޑިވަޅުގައި ގައުމުގެ ދާހިލީ އެއްބައިވަންތަކަން އިސްކުރުމަށާއި، ދީނީ އަދި ސިޔާސީ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް މުޖުތަބާ ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ގައުމު އިސްތިއުމާރުވިޔަ ނުދީ ދިފާއުގައި ސާބިތުވެ ތިބި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވައި، ހަނގުރާމަ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ހާމަނާއީއަކީ، އެމެރިކާއާއި އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. އީރާނުގެ ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާ ގާތް ގުޅުމެއް އޮންނަ މުޖުތަބާއަކީ މިހާރު އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އިތުރުން ގައުމުގެ އެންމެ ބޮޑެތި ނިންމުންތަކުގައި ފަހުބަސް ވިދާޅުވާނެ ފަރާތެވެ.
ކޮމެންޓު ފޮނުވާ