މަންދު ކޮލެޖުން ހޯދަން މަސައްކަތްކުރާ 498 މިލިއަން ރުފިޔާ ދޭން ނުޖެހޭނެކަމަށް އޮޑިޓް އޮފީހުން ބުނެފި

މަންދު ކޮލެޖުން ހޯދަން މަސައްކަތްކުރާ 498 މިލިއަން ރުފިޔާ ދޭން ނުޖެހޭނެކަމަށް އޮޑިޓް އޮފީހުން ބުނެފި

Author
ޙަސަން މުޙައްމަދު
10 މާރޗް 2026 07:27
0

އެމްއީއެސް ކުރިން ހިންގި އިމާރާތުގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މަންދު ކޮލެޖުން ހޯދަން އެދިފައިވާ 498 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ގަބޫލުނުކުރާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަންދު ކޮލެޖާއެކު ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލު ހޯދުމަށް ހުށަހެޅި މައްސަލައިގެ އެސެސްމަންޓް ރިޕޯޓުގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ނުސީދާ ގެއްލުމުގެ ގޮތުގައި 498,883,522 ރުފިޔާ ހޯދަން އެ ކޮލެޖުން ވަނީ އެދިފައެވެ. މިއީ އެ އެއްބަސްވުން ދެމިއޮތްނަމަ މުސްތަގުބަލުގައި ލިބޭނެކަމަށް ލަފާކުރާ ފައިދާއާއި، އެތަނުގައި އިންޓަނޭޝަނަލް ސްކޫލަކާއި ނައިޓް ކްލާސްތައް ހިންގައިގެން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބޭނެކަމަށް އަންދާޒާކުރި ފައިސާ ހިމަނައިގެން ހަދާފައިވާ ހިސާބެކެވެ. ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް އެ އިމާރާތް ދިނީ އިންޓަނޭޝަނަލް ސްކޫލަކާއެކު ހިންގުމަށް ނަމަވެސް، އެކަން ނުކުރެވުމުން ފަހުން ވަނީ އެއްބަސްވުން އުވާލައި އެތަނުން އެ ކޮލެޖު ނެރެފައެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ މުސްތަގުބަލުގައި ލިބޭނެކަމަށް ލަފާކުރާ ފައިދާ އެ ކުންފުނިން ހިސާބުކޮށްފައިވަނީ މުސްތަގުބަލުގައި ލިބޭނެ ފައިސާ ހިސާބުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން، އެ ހިސާބުތަކަށް ބިނާކޮށް އެހާ ބޮޑު މާލީ ބަދަލެއް ނަގައިދިނުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އެއްބަސްވުމާ ގުޅުންހުރި އެކި ކަންކަމުގައި މަންދު ކޮލެޖަށް މިހާތަނަށް 19.7 މިލިއަން ރުފިޔާ ދައުލަތުން ވަނީ ދީފައެވެ. އޭގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ވަގުތީގޮތުން އެ އިމާރާތަށް ބަދަލުކުރުމާ ގުޅިގެން ދިން ފައިސާއާއި، މަރާމާތުގެ ޚަރަދުތަކުގެ އިތުރުން، އެ ކޮލެޖަށް ކުއްޔަށް ތަނެއް ހޯދައި ހިންގުމަށް ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރި 15 މިލިއަން ރުފިޔާވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.