މަސްވެރިކަމުގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ސަރުކާރުން ލޯނު ދޫކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، އެ ލޯނުތައް ދޫކުރަނީ ގައުމީ ބޭންކް ބީއެމްއެލްގެ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ. ލޯނު ދޫކުރަން ފެށީ މިދިޔަ އަހަރު މެއި މަހުން ފެށިގެންނެވެ.
މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް ލޯނު ލިބޭ ގޮތް ހަމަޖެއްސީ މިދިޔަ އަހަރު އޭޕްރީލް 28 ގަ އެވެ. ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުލައި 300،000ރ. އާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ގެދޮރު ލޯނު ފަދަ ކްރެޑިޓް ފެސިލިޓީތައް ވެސް ލިބެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދަފްތަރުކުރުމުގެ މަސައްކަތަކީ މަސްވެރިންނަށް ނިޒާމީ ގޮތެއްގައި މާލީ އެހީ ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. ގައުމީ ދަފްތަރު އިފްތިތާހުކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ.
ކޮމެންޓު ފޮނުވާ