މާލޭ ބާޒާރުގައި ދިވެހި ކަރާގެ އަގު އުފުލިއްޖެ

މާލޭ ބާޒާރުގައި ދިވެހި ކަރާގެ އަގު އުފުލިއްޖެ

Author
އަހުމަދު
09 މާރޗް 2026 05:59
0

މާލޭގެ ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އުފުލިއްޖެއެވެ. މިއީ ރޯދަމަހުގެ ކުރީކޮޅާ އަޅާބަލާއިރު ވަރަށް ބޮޑު އުފުލުމެކެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ތޮއްޑޫ، ކަނޑޫދޫ އަދި ލ. އަތޮޅުން ގެނެސްފައިވާ ކަރާވެސް ވިއްކަމުންދަނީ ހަމަ މި އަގުގައެވެ. ވިޔަފާރިވެރިން މައުލޫމާތު ދޭގޮތުގައި ކަރާގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ ބާޒާރަށް އެންމެ ގިނައިން ކަރާ ފޯރުކޮށްދޭ ތޮއްޑޫއިން ކަރާ ލިބުން މަދުވުމުގެ ސަބަބުންނެވެ. ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއް 25 ރުފިޔާއަށް ހުރިއިރު، އިންޑިއާ ކަރާ ގިނަވުމާއެކު އެ އަގު 18 ރުފިޔާއަށްވެސް ދަށަށް ދިޔައެވެ. ނަމަވެސް މިހާރު އިންޑިއާ ކަރާވެސް ބާޒާރުގައި މަދުވެފައިވާއިރު، އޭގެ ކިލޯއެއް އުޅެނީ 25 ރުފިޔާގައެވެ.

ތެލުގެ އަގުބޮޑުވުމާއި މުދާ ލިބުން ދަތިވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކަރާގެ އަގު ދަށަށް ދާނެކަމަކަށް ވިޔަފާރިވެރިން ނުދެކެއެވެ. ކަރާގެ އަގު ބޮޑުވިނަމަވެސް، މިވަގުތު ބާޒާރުގައި ފިޔާ، ކެރެޓް އަދި އޮރެންޖު ފަދަ ބާވަތްތަކުގެ އަގު ހެޔޮކަން ފާހަގަކުރެވެއެވެ. އެގޮތުން ފިޔާ ކިލޯއެއް 8 ރުފިޔާއަށް ލިބޭއިރު އޮރެންޖެއް ލިބެންހުރީ 4 ރުފިޔާއަށެވެ. އެހެންނަމަވެސް، ދަތުރުފަތުރުގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފިނިކުރި ކުކުޅާއި އެހެނިހެން މުދަލުގެ އަގުތައް އުފުލުމަކީ ވަރަށް ގާތްކަމެއްކަމަށް ބާޒާރުގެ ވިޔަފާރިވެރިން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.