އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްއެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކޮމަންވެލްތުގެ 56 މެންބަރު ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް (ޗޯގަމް) ތައްޔާރުވުމެވެ.
ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުނު ފަހުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަންނަނީ ފާހަގަކޮށްލެވޭ ދައުރެއް އަދާކުރަމުންނެވެ. ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދިމާވާ ތިމާވެށީގެ އަދި އިޤްތިޞާދީ މައްސަލަތަކުގައި އެ ގައުމުތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ރާއްޖެއިން ދަނީ އިސްކޮށް މަސައްކަތްކުރަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައިވެސް މަންދޫބުން ވަނީ، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތްތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ