މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުތަކަށް ބުރޫއަރައި، ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. މިކަމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވި ފަތުރުވެރިންގެ ހާލަތު ގާތުން ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ރޭ އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލައިޓްތައް ކެންސަލްވާން ފެށުމާއެކު، އެނބުރި ރިސޯޓުތަކަށް ނުވަތަ ގެސްޓްހައުސްތަކަށް ދާން ބޭނުންވި ފަތުރުވެރިންނަށް އެ އިންތިޒާމު ވަގުތުން ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، ޓިކެޓް ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ނުވަތަ އެހެން ރޫޓަކުން ފުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާލަތު ބަދަލުވާ ގޮތް ބެލުމަށްޓަކައި އެއާޕޯޓުގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް ދަތިކަމެއް ނެތި ތިބެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވެސް ވަނީ ހަމަޖައްސައިދީފައެވެ.
އެގޮތުން އެއާޕޯޓުގައި މަޑުކުރާ ފަތުރުވެރިން ތިބުމަށް ހަމަޖައްސާފައިވަނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި، އެ ޓާމިނަލް ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި އޭސީ ކޮށްފައިވާ ސަރަހައްދުގައެވެ. މިނިސްޓަރު ތޯރިގު ވަނީ ފަތުރުވެރިންނަށް ދިމާވެފައިވާ މި ދަތި ހާލަތުގައި ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ