މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ ބޮޑު ބާރަކީ ދިވެހި ތާރީޚު: ރައީސް

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ ބޮޑު ބާރަކީ ދިވެހި ތާރީޚު: ރައީސް

Author
ޙަސަން މުޙައްމަދު
27 ފެބްރުއަރީ 2026 05:27
0

ދިވެހިރާއްޖެ އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލުވުމަށް އޮތް އެންމެ ވަރުގަދަ އަސާސަކީ ދިވެހި ތާރީޚުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ތާރީޚީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މާޒީގެ ޞަފްޙާތަކުން ފެންނަ ކުޑަ ޖުމްލައަކުން ނުވަތަ ކާބަފައިންގެ ޒަމާނުގެ ފޮޓޯއަކުން، އަދި ފެންނަންހުރި ޤަދީމީ އާޘާރަކުންވެސް އެތައް ހާސް ވާހަކައެއް ބުނެދޭ ކަމަށެވެ. އަދި އެ ތާރީޚީ ހެކިތަކަކީ ދިރިއުޅުމަށް ބޭނުންވާ މުހިންމު ޢިބްރަތްތަކާއި ޙިކްމަތްތަކަށް މަގުދައްކައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހީން މި ފަސްގަނޑުގައި ވަޒަންވެރިވެ އުޅޭތާ ޤަރުނުތަކެއް ވެއްޖެކަން ސާބިތުކޮށްދެނީ ދިވެހި ތާރީޚެވެ. އެހެންކަމުން ކުރިމަގުގައިވެސް ދިވެހި ޤައުމިއްޔަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އޮތް އެންމެ އާރުލާ ސަބަބަކީ ތާރީޚުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުން ގެންދަވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މެދުވެރިކޮށް، ދިވެހި ތާރީޚާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާޘާރީ ތަންތަން ޙިމާޔަތްކުރުމާއި ތާރީޚީ އައު ހޯދުންތައް ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މާޒީން ޢިބްރަތް ޙާސިލުކޮށް، ދިވެހިވަންތަކަމާއި ޤައުމީ ރޫޙު އާލާކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.