ތިލަފުށީ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއްގެ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، އެ ތަކެތި ނީލަމުގައި ވިއްކާލަން ފުލުހުން ދެވަނަ ފަހަރަށް އިއްޔެ އިއުލާންކޮށްފިއެވެ.
އިއްޔެ ފުލުހުން ކުރި އިއުލާނުގައި ހަތަރު ބާވަތެއްގެ ހުއިފިލަނޑާ ވިއްކާލަން ހިމަނާފައިވާއިރު، ނީލަން ފެށޭ އަގުތައް އުޅެނީ ކިލޯއެއް 300 ރުފިޔާއާއި 850 ރުފިޔާއާ ދެމެދުގައެވެ. މީގެ ކުރިންވެސް މި ތަކެތި ވިއްކާލަން ފުލުހުން އިއުލާންކުރިއެވެ. މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ، އަދި ތަހުގީގުގައި އުޅުނު ފުލުހަކަށް ޚިޔާނާތުގެ ތުހުމަތުކޮށް ސަސްޕެންޑްކޮށްފައިވާ ސީރިއަސް މައްސަލައެކެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ޝަރުއީ މަރުހަލާ ނުނިމެނީސް ފުލުހުން އަނެއްކާވެސް މިވަނީ މުދާ ވިއްކާލަން މަސައްކަތް ފަށާފައެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން، އޮފިސަރާ ގުޅޭ އިދާރީ މައްސަލަވެސް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ