ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމުގެ ޖާގަނުދިނުމަށް ޑރ.މައުސޫމް ގޮވާލައްވައިފި

ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމުގެ ޖާގަނުދިނުމަށް ޑރ.މައުސޫމް ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 09:16
0

ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި އިގުތިޞާދު އަލުން ކޮޅަށްޖެހި ލިބެމުންދާ ކުރިއެރުން ފަހަތަށް ދާނޭހެން އެއްވެސް ފަރާތަކުން އަމަލުތައް ނުބަހައްޓަވައި، އެޗްޕީއޭގެ ގައިޑްލައިންތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާއިއެކު އަޅާގައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް މިހާރު އަނެއްކާވެސް ބަލީގެ އާ ވައްތަރުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނި ބަލީގެ ނުރައްކާ ބޮޑުވަމުންދާ ހާލަތުގައި، ރާއްޖެއިން މިކަމަށް ނުހަނު ވިސްނަން ޖެހޭކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ގޮތުން ފަތުރުވެރިކަމަކީ އެންމެ މުހިންމު އެއްބައިވެރިޔާކަމަށްދެކި މިހާރު ލިބިފައިވާ ކުރިއެރުން ކުޑަކޮށްގެން ފަހަތަށް ސޮއްސާލައިގެން ނުދާނޭ ގޮތަކަށް ހުރިހާ ބޭފުޅުންގެ އަމަލުތައް ބެހެއްޓެވުމަށް ޑރ.މައުސޫމް ވަނީ ގޮވާލާފައެވެ.

ރައްކާވެ ތިބިއްޔާ #ދަތުރުފަތުރު އެޗު.ޕީ.އޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލުކުރަމާތޯ. ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދެމާތޯ. އުފުއްލަވަމުންގެންދަވާ ތަކުލީފަށާއި، ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރިއްޔާ!

– ޑރ.މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން 17 ރިސޯޓެއް ފިޔަވައި ދެން ހުރި ހުރިހާ ރިސޯޓެއް މިމަސް ނިމުމުގެ ކުރިން އަލުން އޮޕަރޭޝަންއަށް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވި ފަދައިން އިތުރު ރިސޯޓުތައް ހުޅުވި ފަތުރުވެރިކަން ރަނގަޅަށް ކުރިއަށް ގެންދެވޭނީ އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލަބައިގެންނެވެ.

ފަތުރުވެރިކަން ހުޅުވާލިއިރު ރިސޯޓްތަކުގެ ބުކިން ދަށްވި ނަމަވެސް މިހާރު ގިނަ ރިސޯޓްތައް ވަނީ ފުރިފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންވެސް މެއެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ ރާއްޖެއަށް 20612 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 5331 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަސަންތައުފީޤު ޙުސައިން
ޤައުމުގެ ކުރިއެރުމަކީ ޤައުމުގެ ރައްޔިތުންގެ މަސައްކަތާއި ރައްޔިތުން ޤައުމަށްޓަކައި ވާ ޤުރްބާނީ. ބަލީން ސަލާމަތްވެ ތިބެގެން މަސައްކަތް ކުރުން ނޫންގޮތެއް އަދިފެންނާކަށްނެތް. އަދި މިއީފަރުދީ ޒިއްމާއެއްކަމުގައި ދެކި ޤަވާޢިދުތަކަށް ބޯލަބައިގެން އުަޅުން މުހިއްމު.