ރޯދަމަހާ ދިމާކޮށް އޮރެންޖު ލިބުން ދަތިވެ އަގުތައް އުފުލިފައި އޮތުމަށްފަހު، ލަސްވެފައިވާ ޝިޕްމަންޓްތައް ލިބި ބާޒާރުގައި އޮރެންޖުގެ އަގު ހެޔޮވެ، އެސްޓީއޯއިން ވިއްކާ އަގާ އެއްވަރަށް ތިރިވެއްޖެއެވެ.
މި ރޯދަމަހުގެ ތެރޭގައި އޮރެންޖުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކާ ހެދިއެވެ. ޚާއްސަކޮށް މިސްރާއި ދެކުނު އެފްރިކާ ފަދަ ޤައުމުތަކުން މުދާ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެ، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމާއި، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުން މުދާ ލިބުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. މީގެ އިތުރުން ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުންވެސް މުދާ ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެޅިގެން ދިޔައެވެ.
ނަމަވެސް، ލަސްވެފައި ހުރި ޝިޕްމަންޓްތައް މިހާރު ބާޒާރަށް ނެރެން ފެށުމާއެކު، އޮރެންޖު ކޭސް ލިބޭ އަގު ވަނީ ދަށްވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ބާޒާރުގައި 10 ރުފިޔާއާއި 16 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކި އޮރެންޖެއްގެ އަގު މިހާރު ވަނީ 6 ރުފިޔާއާއި 7 ރުފިޔާއަށް ވެއްޓިފައެވެ. މިއީ އާންމުންގެ ޝަކުވާތަކަށް ލިބުނު ބޮޑު ލުޔެކެވެ.
ބާޒާރުގައި އަގުތައް އުފުލިގެން ދިޔަ ދަނޑިވަޅުގައިވެސް އެސްޓީއޯއިން ވަނީ އަގުތައް އެއްވަރެއްގައި ހިފަހައްޓާފައެވެ. އެ ކުންފުނީގެ ހުރިހާ އައުޓްލެޓަކުން ވެސް ކޮންޓްރޯލް ކުރުމެއް ނެތި އާންމުންނަށް އޮރެންޖު ވިއްކަމުން ގެންދިޔައީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ. އެއީ ގާތްގަނޑަކަށް އޮރެންޖެއް 5.7 ރުފިޔާއާއި 6.7 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މިހާރު ބާޒާރުގެ އާންމު ފިހާރަތަކާއި ގޮޅިތަކުންވެސް މި އަގުތަކުގައި އޮރެންޖު ލިބެން ހުރުމަކީ ރޯދަމަހުގެ ފަހުކޮޅު އާންމުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
ކޮމެންޓު ފޮނުވާ