ލަންކާގެ އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ ރޭވުމުގެ ތުހުމަތުގައި ކުރީގެ ޖާސޫސީ ވެރިޔާ ހައްޔަރުކޮށްފި

ލަންކާގެ އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ ރޭވުމުގެ ތުހުމަތުގައި ކުރީގެ ޖާސޫސީ ވެރިޔާ ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
25 ފެބްރުއަރީ 2026 12:05
0

ސްރީ ލަންކާގައި 2019 ވަނަ އަހަރު ދިން ނުރައްކާތެރި އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތައް ރާވައި، އެކަމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އެ ގައުމުގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ގެ ކުރީގެ ވެރިޔާ، ރިޓަޔާޑް މޭޖާ ޖެނެރަލް ސުރޭޝް ސަލޭ ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ތަހުގީގުކުރާ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ސަލޭ ހައްޔަރުކޮށްފައިވަނީ 279 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވި ހިތާމަވެރި ހަމަލާތައް ރޭވުމާއި އެކަމަށް އެހީތެރިވެދިނުމުގެ ކުށުގައެވެ. މި ހަމަލާތަކުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހަކު މަރުވެފައިވާއިރު، މިއީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދިޔަ ހާދިސާއެކެވެ.

އިނގިރޭސިވިލާތުގެ "ޗެނަލް 4″ އިން 2023 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ސަލޭ ވަނީ ހަމަލާ ދިން ހަރުކަށި ފިކުރުގެ މީހުންނާ ބައްދަލުކޮށް ގުޅުން ބާއްވާފައެވެ. އެ ނެޓްވޯކަށް މައުލޫމާތު ދިން ވިސްލްބްލޯވަރަކު ބުނެފައިވާ ގޮތުގައި، ހަމަލާ ދޭން އުޅޭކަން އިންޓެލިޖެންސަށް ކުރިން އެނގި ތިބެ ވެސް ސަލޭ އެކަން ހުއްޓުވާފައި ނުވަނީ، އޭރު އޮތް ރިޔާސީ އިންތިހާބު ގޯތަބަޔާ ރާޖަޕަކްސާއަށް ކާމިޔާބު ކޮށްދިނުމަށް ސިޔާސީ ގޮތުން މަގުފަހިކުރުމުގެ ބޭނުމުގައެވެ.

ބޮން ގޮއްވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާޖަޕަކްސާ ކެންޑިޑެސީ އިއުލާންކުރައްވައި، ސަލާމަތީ ކަންކަން ވަރުގަދަކުރާނެ ކަމަށް ވައުދުވެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އެއަށްފަހު ސަލޭ ވަނީ އެސްއައިއެސްގެ އިސްވެރިއަކަށް ޕްރޮމޯޓްކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އަނޫރާ ކުމާރާ ޑިސާނާޔަކޭ ވަނީ ހަމަލާގެ އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަލޭ މަގާމުން ވަކިކުރައްވާފައެވެ.

މި ހަމަލާ ރާވަމުންދާ ކަމުގެ މައުލޫމާތު އިންޑިއާގެ އިންޓެލިޖެންސުން ވެސް އޮތީ ކުރިން ލަންކާއާ ހިއްސާކޮށްފައެވެ. މިކަމުގައި އިހުމާލުވުމުގެ ސަބަބުން ލަންކާގެ އޭރުގެ ރައީސް މައިތިރްޕަލާ ސިރިސޭނާ އާއި އިތުރު ހަތަރު އޮފިޝަލަކު އެއް މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފައެވެ. މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި ހަގީގަތް ހާމަކުރުމަށް އދ. އިން ގޮވާލާފައިވާއިރު، ސަލޭގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.