ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Author
އަހުމަދު
25 ފެބްރުއަރީ 2026 12:03
0

ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކަކާ ގުޅުން އޮތް މީހަކު 75 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ، ޖަލު ހުކުމް އައިސްފައިވަނީ ފުވައްމުލަކު ދޫޑިގަން، ގަސްދޮށުގޭ ޢަބްދުލްބާސިތު (28އ) ގެ މައްޗަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި 75 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، އޭނާ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ހުކުމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބާސިތުގެ މައްޗަށް މި ހުކުމް އައިސްފައިވަނީ އޭނާގެ މާލީ މުއާމަލާތްތަކާ ގުޅިގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުން ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، 19،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ) ހިމެނެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއެވެ.

މި މައްސަލައަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފުލުހުން ފުވައްމުލަކުގައި ހިންގި ޚާއްސަ އޮޕަރޭޝަނަކާ ގުޅުންހުރި މައްސަލައެކެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އެކި ދުވަސް މަތިން 174 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ބާސިތަކީ އޭގެ ތެރެއިން ދައުވާ އުފުލުނު އެކަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.