ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ އޭގެ އަގުތައް އާދަޔާ ހިލާފަށް އުފުލިފައިވާ ދަނޑިވަޅެއްގައި، އާންމު ރައްޔިތުންނަށް ލުއި ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ބާޒާރުގެ އަގަށްވުރެ މާ ހެޔޮ އަގުގައި އޮރެންޖު ވިއްކަން ފަށައިފިއެވެ.
މި ދުވަސްވަރު ބާޒާރުން އޮރެންޖު ލިބެން ހުރި މިންވަރު މަދުވުމާ ގުޅިގެން، އާންމު ވިޔަފާރިތަކުން އޮރެންޖެއް ވިއްކަމުންދަނީ 15 ރުފިޔާއިން މަތީގެ އަގުތަކެއްގައެވެ. މިއީ މީގެ ކުރިން 10 ރުފިޔާއަށް ލިބެން ހުރި ބާވަތަކަށް ވީހިނދު، މިއައި ބަދަލާއެކު އާންމުންނަށް ވަނީ މޭވާ ގަތުމުގައި ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެ ކުންފުނީގެ ސުޕަމާޓުން މިހާރު ވަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުން އޮރެންޖު ވިއްކަން ފަށާފައެވެ. މި ރޭޓުން ބަލާއިރު އެސްޓީއޯއިން ވިއްކާ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ. މިއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކާ އަޅާބަލާއިރު ދެގުނަ ހެޔޮ އަގެކެވެ.
އެސްޓީއޯއިން މިފަދަ ހެޔޮ އަގުތަކެއްގައި ތަކެތި ފޯރުކޮށްދެމުންދަނީ ސަރުކާރުގެ ކާބޯތަކެތީގެ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން މީގެ ކުރިން ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށް އަސާސީ ބާވަތްތަކުގެ ގޮތުގައި ހުރި ނަމަވެސް، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ލިސްޓަށް އިތުރު ބާވަތްތައް އިތުރުކޮށް، ޖުމްލަ 23 ބާވަތެއް އެސްޓީއޯއިން ދަނީ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ބާޒާރުގެ އަގުތައް ކޮންޓްރޯލްކޮށް، މުހިންމު ކާބޯތަކެތި ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމެވެ.
ކޮމެންޓު ފޮނުވާ