ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން، މުޅިން އަލަށް ނުވަ ރަށެއްގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން (ގައިނަކޮލޮޖިސްޓުން) ގެ ޚިދުމަތް ދޭން ފަށާފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި އަންހެނުންނަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއީ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތްތަކުގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ނޭޝަނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމުކޮށް، އައިވީއެފްގެ ޚިދުމަތް ވެސް ތަޢާރަފުކޮށްފައެވެ.
އެ ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 578 ދެމަފިރިއަކަށް ކޮންސަލްޓޭޝަން ދީފައިވެއެވެ. އޭގެ ތެރެއިން ފަރުވާއަށް ހޮވުނު 96 މީހުންގެ ތެރެއިން 86 މީހުންގެ ބިސް ނަގައި، 68 އަންހެނުންގެ ރަހިމުގައި ކާމިޔާބުކަމާއެކު އެމްބްރިއޯ ވަނީ ހަރުލައްވާފައެވެ. ނަތީޖާއެއްގެ ގޮތުން، އައިވީއެފް ފަރުވާ ފުރިހަމަކޮށް، މިވަގުތު 23 އަންހެނަކު ބަނޑުބޮޑުވެ ވިހެއުމުގެ އިންތިޒާރުގައި ތިބިކަން އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ