މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތައް ވަޒަންކޮށް އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓު އެ ކުންފުންޏާ ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ، ބަންޑާރަ ނައިބުގެ އޮފީހަށް އެ ރިޕޯޓު ފޮނުވުމަށްފަހު، މާލެ ހައި ކުންފުންޏަށް އެ ރިޕޯޓު ދޫކުރުމަށް އޮޑިޓް އޮފީހުން އިންކާރު ކުރުމުންނެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ އެ ރިޕޯޓަކީ ކުންފުންޏަށް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ. އެހެންކަމުން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ކުންފުންޏާ ހަވާލުކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދައުވާއަށް އޮޑިޓް އޮފީހުން ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ.
މި މައްސަލައިގެ އަސްލަކީ، ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މާލެ ހައި ކުންފުނިން މަންދު ކޮލެޖު ހިންގަމުން ދިޔަ އިމާރާތުގެ މައްސަލައެވެ. އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެ 2015 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް ތަން އަތުލި ނަމަވެސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގޯސް ކަމަށް ކަނޑައަޅައި، އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފައެވެ.
އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓްގައި ބަދަލުގެ ގޮތުގައި ލަފާކޮށްފައިވަނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް، ކުންފުނީގެ ބަހެއް އަދި ލިޔެކިޔުމެއް ނެތި ތައްޔާރުކޮށްފައިވާތީ އެ ރިޕޯޓަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފު ބާތިލް އެއްޗެއް ކަމަށް މާލެ ހައި އިން ދެކެއެވެ.
ކޮމެންޓު ފޮނުވާ