މެކްސިކޯގެ ޑްރަގް ލޯޑް "އެލް މެންޗޯ" ގެ މަރާއެކު ގައުމު ހަލަބޮލިވެ، ވައިގެ ދަތުރުތައް ހުއްޓުމަކަށް

މެކްސިކޯގެ ޑްރަގް ލޯޑް "އެލް މެންޗޯ" ގެ މަރާއެކު ގައުމު ހަލަބޮލިވެ، ވައިގެ ދަތުރުތައް ހުއްޓުމަކަށް

Author
ޙަސަން މުޙައްމަދު
23 ފެބްރުއަރީ 2026 03:32
0

މެކްސިކޯގެ އެންމެ ނުރައްކާތެރި ޑްރަގް ލޯޑް، ނެމެސިއޯ އޮސެޖުރާ ސާވެންޓެސް (އެލް މެންޗޯ) މަރާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން އެ ގައުމުގެ ބައެއް ސިޓީތަކަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މެކްސިކޯގެ އަސްކަރިއްޔާއިން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ސިފައިންނާ ދެކޮޅަށް ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ގެންދަނިކޮށް އެލް މެންޗޯ މަރުވުމާއެކު، އެ ގައުމުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހާދިސާއާ ގުޅިގެން ކާޓެލް މެމްބަރުން ގެންދަނީ އެކި ސިޓީތަކުގެ ބޮޑެތި މަގުތައް ބަންދުކޮށް، އާންމުންގެ މުދަލާއި ވެހިކަލްތަކުގެ އިތުރުން އިމާރާތްތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.

މި ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް، ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތަށްޓަކައި އެމެރިކާގެ ބޮޑެތި އެއާލައިންތައް ކަމަށްވާ ޔުނައިޓެޑް އެއާލައިންސް، އެމެރިކަން އެއާލައިންސް، ޑެލްޓާ އަދި ސައުތްއީސްޓް އެއާލައިންސް އިން ވަނީ މެކްސިކޯގެ މަޝްހޫރު ސިޓީތައް ކަމަށްވާ ޕޯޓޯ ވަލާޓާ، ގުއަޑަލަޖާރާ އަދި މަޒާލަން ފަދަ ސަރަހައްދުތަކަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. މީގެ އިތުރުން އަލަސްކާ އެއާލައިންސް އާއި އެއާ ކެނެޑާގެ ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ބައިނަލްއަގުވާމީ އެއާލައިންތަކުގެ އިތުރުން، މެކްސިކޯގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ބަޖެޓް އެއާލައިންތައް ކަމަށްވާ ވޮލަރިސް، ވިވާއެރޯބަސް އަދި އޭރޯމެކްސިކޯއިން ވެސް ވަނީ ހަމަނުޖެހުން ބޮޑުވެފައިވާ ސަރަހައްދުތަކަށް ދަތުރުކުރުން މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.