އުވާލާފައިވާ ޑީއާރުޕީން ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާ، އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދު ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އާމިރު ހިންގަވާ ޕްރޮޑަކްޝަން ކުންފުނިތަކަކުން ޑީއާރުޕީގެ އެކި ހަރަކާތްތަކަށް ތައްޔާރުކޮށްދިން ވީޑިއޯތަކާއި، ކުއްޔަށް ދޫކުރި ސާމާނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިގޮތުން ޚިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާގެ އިތުރުން، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 16.3 މިލިއަން ރުފިޔާ ހޯދުމަށްވެސް އާމިރު އެދިވަޑައިގެންނެވިއެވެ.
މި ފައިސާ ހޯދުމަށް ސިވިލް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓަށްވެސް އާމިރު ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ނިންމާފައިވަނީ ޖޫރިމަނާގެ ގޮތުގައި ހޯދަން އެދުނު ބައި އުނިކުރުމަށްފަހު، ހަމައެކަނި ޚިދުމަތުގެ އަގަށްވާ ފައިސާ ނަގައިދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލާފައެވެ. ޕާޓީ އުވާލި ނަމަވެސް، އެ ޕާޓީގެ ދަރަނިތަކަށް ޒިންމާވާން ޖެހޭނީ އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާއިރު، އޭރު ޕާޓީގެ ލީޑަރަކަށް ހުންނެވީ ނަޝީދެވެ.
ނަޝީދުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އާމިރުގެ ކުންފުނިތަކުން ދިން ޚިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ހައްގެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ