ތެލެސީމިއާ ސެންޓަރުގެ 31 އަހަރުވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް، ހުކުރު ދުވަހު ރަސްމީކޮށް އެ ސެންޓަރުން ޚިދުމަތް ދޭން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ހުކުރު ދުވަހު (20 ފެބުރުއަރީ) އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިވާ ކަމަށެވެ. މީގެ ކުރިން ރަސްމީ ސިފައެއްގައި ހުކުރު ދުވަހު އެ މަރުކަޒުން ޚިދުމަތް ދީފައި ނުވާއިރު، ކުރިއަށް އޮތް ތަނުގައި ރަމަޟާން މަސް ނިމުމުން ވެސް ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުން ޚިދުމަތް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ބަދަލާއެކު ފުރަތަމަ ހުޅުވި ދުވަހު އެކަނިވެސް 14 މީހަކަށް ލޭ އެޅުމުގެ ޚިދުމަތް ދީފައިވާއިރު، 5 މީހަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ނިންމެވުމުގެ ސަބަބުން ހަފުތާ ބަންދުގައި އަތޮޅުތެރެއިން މާލެ އައިސް ލޭ އަޅަން ނުވަތަ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެ، ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، އެ ސެންޓަރުގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ