ނ. އަތޮޅު ކައުންސިލްގެ ރައީސް ދައްކަވަންޖެހޭ ފައިސާގެ އަދަދު ލައްކައަކަށްވުރެ މަތީގައި!

ނ. އަތޮޅު ކައުންސިލްގެ ރައީސް ދައްކަވަންޖެހޭ ފައިސާގެ އަދަދު ލައްކައަކަށްވުރެ މަތީގައި!

Author
ޙަސަން މުޙައްމަދު
22 ފެބްރުއަރީ 2026 02:45
0

ނ. އަތޮޅު ކައުންސިލަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިއިރު، އޭގެ ތެރޭގައި ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ދައްކަވަން ޖެހިވަޑައިގަންނަވާ އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ހިމެނޭކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، ކައުންސިލްގެ ރައީސް ބަޝީރުގެ ނަންމަތީގައި ނުދެއްކި ޖުމްލަ 118,220 ރުފިޔާ އެބައޮތެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ސްޓޭޓް ހައުސްގެ ކުލީގެ ގޮތުގައި ދައްކަވަންޖެހޭ 89,820 ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ކައުންސިލް ރައީސްގެ އެކޮމޮޑޭޝަން ހަމަޖެއްސުމާ ގުޅޭ އުސޫލުގެ ދަށުން ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާއެވެ. މީގެ އިތުރުން، ކެމްޕޭން ދަތުރުތައް ހިމެނޭހެން ލޯންޗު ދަތުރުތަކަށް ދައްކަވަންޖެހޭ 28,400 ރުފިޔާވެސް މީގެ ތެރޭގައި ހިމެނޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު އެކި ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ޖުމްލަ 2.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ. މީގެ ތެރޭގައި ކައުންސިލްގެ ދަފްތަރުގައި ރެކޯޑުކޮށްފައިވާ 960،124 ރުފިޔާގެ އިތުރުން، ދަފްތަރުގައި ނުހިމެނިވާ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަން ލިޔެކިޔުންތަކުން ދައްކައެވެ. ނަމަވެސް މި ފައިސާ ހޯދުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށާއި، ސެޕްޓެމްބަރު 2024 ގެ ނިޔަލަށް ލިބިފައިވަނީ އެންމެ 1.5 ލައްކަ ރުފިޔާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލްގެ ރައީސްގެ އިތުރުން ދައުލަތުގެ ބޮޑެތި މުއައްސަސާތަކުންވެސް ގިނަ އަދަދެއްގެ ފައިސާ ކައުންސިލަށް ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީން 114,500 ރުފިޔާ، ޕްލޭނިންގ މިނިސްޓްރީން 100,105 ރުފިޔާ އަދި ހެލްތު މިނިސްޓްރީން 61,500 ރުފިޔާ ދައްކަން ޖެހެއެވެ. މީގެ އިތުރުން ނ. ކެނދިކުޅުދޫ ކައުންސިލާއި މަނަދޫ ކައުންސިލުންވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ލޯންޗު ދަތުރުތަކަށް ދައްކަންޖެހޭ ފައިސާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ފައިސާތައް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.