ޖެންޑަރ މިނިސްޓަރާ ބައްދަލުކުރުމަށް އެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ފޮނުވި ސިޓީގެ ޖަވާބު ނުލިބިގެން މިއަދު މުޒާހަރާ ކުރިފަހުން، ސިޓީ ފޮނުވި ފަރާތަކާއި މިނިސްޓްރީން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ އާ ބައްދަލުކުރުމަށް އެދި ޕީޕީއެމުން ސިޓީއެއް ފޮނުވާފައިވަނީ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
މި ސިޓީއާ ގުޅޭގޮތުން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ އިބްރާހީމް މުޙައްމަދު ވިދާޅުވީ، އެ ސިޓީ ލިބުނު ދުވަސްވަރުގެ ތެރޭގައި މިނިސްޓަރ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތަރީޚެއްގައި އެ ފަރާތާ މުޢާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރު ގައި އީމެއިލް މެދުވެރިކޮށް އަންގާފައި ވާނެކަމަށެވެ.
އަދި އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކުރާނެ ކަމަށާއި އެ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން މިކަން ހާމަކޮށްފައި މިވަނީ އޮކްޓޫބަރު މަހުގެ 19 ވަނަ ޕީޕީއެމުން ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށާއި އަންހެނުންނަށްކުރާ ޖިންސީ ފުރައްސާރަ އާއި ޖިންސީގޯނާގެ މައްސަލަތަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ގޮވާލާ ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ އަންހެން ކަނބަލުން އިސްވެ މިނިސްޓްރީ ހިމެނޭސަރަހައްދުގައި މުޒާހަރާކޮށް އަޑުއުފުލާފައިވާ ދަނޑިވަޅެއްގައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަތަށް ސަރުކާރުން މާ ކުދިކުދި ކަންކަން ގޮތުގައި ސިފަކުރާ ކަމަށް ބުނެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އަދި ރޭޕަށާއި ޖިންސީ ގޯނާއަށް ސަރުކާރުން ދޭންބުނި ޒީރޯ ޓޮލަރެންސް ކޮބައިތޯވެސް މުޒާހަރާގެ ބައިވެރިން ވަނި ސުވާލު އުފައްދާފައެވެ.
ކޮމެންޓު ފޮނުވާ