މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު އެޗްއާރުސީއެމަށް 400 އަށްވުރެ ގިނަ މައްސަލަ

މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު އެޗްއާރުސީއެމަށް 400 އަށްވުރެ ގިނަ މައްސަލަ

Author
އަހުމަދު
21 ފެބްރުއަރީ 2026 01:40
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި 426 މައްސަލަ ހުށަހަޅައި، ރަޖިސްޓްރީ ކޮށްފައިވާކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 196 މައްސަލައެއް ތަހުގީގު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ތަހުގީގުކޮށް ނިންމި މައްސަލަތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލަތައް ހިމެނޭހެން، ޖުމްލަ 306 މައްސަލައެއް އެ މުއްދަތުގައި ވަނީ ނިންމާފައެވެ. މީގެ ތެރެއިން ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ. މީގެއިތުރުން، އެންޓި ޓޯޗާ ގާނޫނުގެ ދަށުން އިންސާނީ ހައްގުތަކާ ގުޅުންހުރި 176 މައްސަލައެއް ބެލުމަށް އެ މުއްދަތުގެ ތެރޭގައި ނިންމާފައިވާކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ މަސައްކަތްތަކަށް ބަލާއިރު، ފަހު ހަ މަސް ދުވަހު 43 މައްސަލައެއް ހުށަހެޅުނުއިރު އޭގެ ތެރެއިން 20 މައްސަލައެއް އެހެން އިދާރާތަކަށް ފޮނުވައި، 8 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި އެ ޔުނިޓުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މުޅި އަހަރު ތެރޭގައި ޖުމްލަ 57 މައްސަލަ ހުށަހެޅި 39 މައްސަލައެއް ބަލައި ނިންމާފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި، އައިލެންޑް އޭވިއޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.