ހުޅުމާލޭގެ މިސްކިތްތައް ކައިރީ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

ހުޅުމާލޭގެ މިސްކިތްތައް ކައިރީ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

Author
ހުސައިން
18 ފެބްރުއަރީ 2026 01:42
0

ހުޅުމާލޭގެ މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތައް، އެ ތަކެތީގެ ވެރިފަރާތްތަކުން ވީހާވެސް އަވަހަކަށް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މިކަމަށް އެދިފައިވަނީ، މިސްކިތްތައް ހިމެނޭ ސަރަހައްދަކީ އާންމުންނަށް ބޭނުންކުރަން ފަސޭހަ ތަނަކަށް ހެދުމަށާއި، ޚާއްސަކޮށް ނަމާދަށް ދާ ފަރާތްތަކަށް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައެވެ. އެހެންކަމުން، އެ ސަރަހައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.

އާންމު ގޮތެއްގައިވެސް މިސްކިތްތަކުގެ ކައިރީގައި އޮންނަ ހުސް ޖާގަތަކުގައި ގިނަ އަދަދެއްގެ ކާރާއި ސައިކަލް ޕާކުކޮށްފައި ހުރެއެވެ. މީގެ ތެރޭގައި ދުއްވުމަށް ބޭނުން ނުކުރާ، ގިނަ ދުވަސްވީ ބާ އުޅަނދުތައް ހިމެނޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ނަމާދު ގަޑިތަކުގައި މިސްކިތަށް އަރާ މީހުންނަށް ޕާކުކުރާނެ ޖާގަ ނުލިބުމުގެ ދަތިކަން ކުރިމަތިވެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރޯދަ މަސް ކަމަށްވުމާއެކު، މި ދުވަސްވަރަކީ މިސްކިތްތަކަށް ބާރުބޮޑުވެ، ޖަމާއަތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތްތަކަށް ޖަމާވާ ދުވަސްވަރެކެވެ. މިސްކިތުގެ އެތެރޭގެ ޖާގަ ފުރިގެން ބޭރުގައި ސަފުހަދަން ޖެހޭ ހާލަތްތައް ވެސް ރޯދަ މަހު ގިނަވެއެވެ. އެހެންކަމުން، މިސްކިތްތައް ވަށައިގެންވާ ސަރަހައްދުތައް ސާފުކޮށް، ޖާގަ ތަނަވަސްކޮށް ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.