ކައުންސިލް އިންތިހާބު: ސޫޒަންގެ ކެންޑިޑެސީ ބަލައިގަންނަން، މަޖީދުގެ މައްސަލަ ބޭރުކޮށްލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ކައުންސިލް އިންތިހާބު: ސޫޒަންގެ ކެންޑިޑެސީ ބަލައިގަންނަން، މަޖީދުގެ މައްސަލަ ބޭރުކޮށްލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 06:46
0

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ދެ ކެންޑިޑޭޓެއްގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ކ. ތުލުސްދޫ ކައުންސިލަށް ކުރިމަތިލެއްވި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށެވެ. ނަމަވެސް، ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި އަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ފިނޭންސް މިނިސްޓްރީއަށް ދައްކަންޖެހޭ 12,000 ރުފިޔާ ދެއްކިކަމުގެ ލިޔުން ނެތުމުން ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެ ފައިސާ ދައްކައި ސާބިތު ދަރަންޏެއް ނެތްކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ލިޔެކިޔުންތަކުން އެނގެން އޮތްކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. އަދި ޑީޖޭއޭއިން ސާފުކޮށްދީފައިވާ އެ ރެކޯޑުތަކާއެކު 2021 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ސޫޒަން ވާދަކޮށް ކާމިޔާބުކޮށްފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަން ހުށަހެޅުއްވި އަބްދުލްމަޖީދުގެ މައްސަލައިގައި ކޯޓުން ނިންމީ، އޭނާގެ މުޅި އުމުރު ދުވަހުގެ ދަރަނީގެ ރެކޯޑު ހުށަހަޅާފައި ނުވާތީ އާއި އިންތިހާބަށް ކުރިމަތިލުމަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ދެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔުމުގެ ސަބަބުން ގުރައިދޫ އާއި ތުލުސްދޫ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ގުރުއަތުނެގުން އޮތީ މަޑުޖައްސާލާފައެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ދެން އެ ދެ ރަށުގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އެހެން ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންބަރުތައް މިހާރު ވަނީ ތަރުތީބުކޮށް ނިމިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.