ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނުހުރުމުގެ ހައްޤަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ކަށަވަރު ކުރަންޖެހޭ ހައްޤެއް ނޫންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރެވޭ ގޮތާއި، އޭގެ ބޭނުން ކުރަންޖެހޭ ހާލަތްތަކަށް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލައި ޕްރެސެކިއުޓާ ޖެނެރަލް ހުސެިން ޝަމީމް ލިޔުއްވާފައިވާ އާޓިކަލްގައި ބުނެފައިވަނީ ހަނުހުރުމުގެ ޙައްޤު ތަރުތީބު ކޮށްފައި އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިކަމަށެވެ. އެމާއްދާގެ (ހ) ގައި ހަނުހުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ނުބާއިރު، އޭގެ ފަހަތުން، އެމާއްދާގެ (ބ) ގައި އޮންނަނީ "އޭނާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައިނުވާނަމަ، އެ މަޢުލޫމާތެއް ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެޙާލަތުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެއެވެ.” މިހެންކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުުރުމުން މީހަކަށް ދިމާވި ހާދިސާއެއްވެސް ހިއްސާ ކުރައްވާފައެވެ.
މިދިޔަ ހަފްތާގައި އަޅުގަނޑާ މީހަކު ބައްދަލުކުރިއެވެ. ޓީޗަރެކެވެ. އޭނާގެ މައްޗަށް ފުލުސް އޮފީހަށް ހުށަހެޅުނު މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން އޮތީ ތައްޔާރުވެފައެވެ. ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތުހުމަތެއް ކުރެވެނީއެވެ. ފޮޓޯ އޭނާގެ ފޯނުން ފެނެއެވެ. އެމައްސަލައިގައި އޭނާ ހުރީ ހަނެވެ. އޭނާ ބުނާ ގޮތުން ފުލުހުންވެސް އޭނާގެ ޤާނޫނީ ވަކީލުވެސް އިރުޝާދު ދިނީ ހަނުހުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިގައި، އޭނާގެ ފޯނަށް އެފޮޓޯ އައި ގޮތާއި، އެފޮޓޯ ޑިލީޓު ކުރި ގޮތާއި، އެފޮޓޯ ފެނުނީ ފޮހެފައި ހުރި އެއްޗެހީގެ ތެރެއިންކަމާއި، މިކަމާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިއްސާކުރިއެވެ. އެމަޢުލޫމާތުތައް ތަޙްޤީޤުގެ ތެރެއިން ގެނައިނަމަ، އޭނާގެ މައްޗަށް ތުހުމަތެއްވެސް ނެތުނީހެވެ. ދަޢުވާއެއް ނުކުރީހެވެ. ނަމަވެސް، އޭނާ ހަނުހުރީތީ މިމަޢުލޫމާތު ތަޙްޤީޤުގެ ތެރެއިން ލިބިފައި ނެތީއެވެ. ތަޙުޤީޤުން ނުލިބޭ މަޢުލޫމާތެއްގެ މައްޗަށް ޕްރޮސިކިއުޓަރަކަށް ގޮތެއް ނުނިންމޭނެއެވެ. ޕްރޮސިކިއުޓަރަށް ފެންނާނީ ކަރުދާހުގައި އޮތް އެއްޗެކެވެ. ތުހުމަތުކުރެވޭ މީހާ ބުނި އެއްޗެކެވެ.
ޕީޖީ ވިދާޅުވީ ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުން ކަމަށެވެ. ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫން ކަމުގައެވެ. އެއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ވާހަކައެއް ނޫންކަމަށާއި، މިމައްސަލައިގައި، އޭނާ ހަނުހުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކިވެސް ނުދެއްކި، ނިޒާމުގެ ތެރެއިން އޭނާއަށް ބޮޑު ކަންތައްގަނޑެއް ލައިނުގަނެ ސަލާމަތްވީ ޕީޖީ އޮފީހުގެ ސަމާލުކަމަށް އެކަން އައުމުން ކަމަށެވެ. މިދަޢުވާ ހުށަހެޅިނަމަ، އޭނާގެ ވަޒީފާ ގެއްލުމުގެ ބިރުވެސް އޮތް ކަމަސް ޕީޖީ ވިދާޅުވިއެވެ.
މިޙާދިސާއާ ގުޅިގެން އަޅުގަނޑުގެ ކުރިމަތީގައި އޮތް ސުވާލަކީ، މިކަން ޙައްލުކުރުމަށް އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯ. ކަމެއް ކުރަން ޖެހޭތޯއެވެ؟ ޖިނާއީ އިޖުރާއަތުގެ 47 ވަނަ މާއްދާގެ (ބ) ގައި އޮތް ވާހަކައަކީ އެންމެންނަށްވެސް އެނގޭ ވާހަކައެކެވެ. ނަމަވެސް، އެކަން ހަނދާންކޮށް ނުދެވެނީއެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން، ތަޙުޤީޤާ ގުޅޭ ކަންކަން ބެލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮތުމުގެ މާނައެއްކަމަށް އަޅުގަނޑަށް ފެނުނީ މީހުންގެ ޙައްޤުތަކާ ގުޅޭ ކަންކަމުގައި ކޮންވެސް ފިޔަވަޅެއް އެޅުމެވެ.
– ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މިކަންކަން ޙާޞިލުކުރުމަށްޓަކައި، “ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ޤާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު” ގެ ނަމުގައި އިރުޝާދެއް މިދިޔަ ހަފްތާގެ ތެރޭގައި ނެރެފައިވާ ކަމަށެވެ.. އިރުޝާދުގައި އޮންނާނީ، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަނުކޮށްފިނަމަ، އެކަންކަން އިތުރަށް ބެލުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާ ކަމަށެވެ.
ތަޙުޤީޤު ކުރާ މީހާއަށް ފުރުޞަތުދެވި، ފުރުޞަތުގެ ބޭނުން ހިފުމަކީ ތުހުމަތުގައި ހުންނަ މީހާގެ ކަމެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އެންމެންގެވެސް އަމާޒަކީ އެއް އަމާޒުކަމަށާއި، އަމާޒަކީ އިންޞާފު ޤާއިމުކުރުންކަމަށެވެ. ޕީޖީ ވިދާޅުވީ ނިޒާމު ހަރުދަނާ ކުރަން، އިންޞާފު ޤާއިމުކުރަން، މީހުންގެ ޙައްޤުތައް ކަށަވަރުކުރަން، މީހަކަށް ނުޙައްޤުން އަދަބެއް ލިބުނަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ