ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށް ޗައިނާގައި ކުލަގަދަކޮށް ފާހަގަކުރާ އައު އަހަރުގެ މުނާސަބަތުގައި، މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ޗިއާންގްގެ އިތުރުން އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. ޗައިނާގެ ސަޤާފަތާ އެއްގޮތަށް ކޮންމެ އަހަރަކަށްވެސް ޚާއްސަ ނަމެއް ދެމުން އަންނައިރު، މިއަހަރަށް ދީފައިވާ ނަމަކީ 'އިޔަރ އޮފް ދަ ފަޔަރ ހޯސް' އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، 'އިޔަރ އޮފް ދަ ފަޔަރ ހޯސް' ގެ ނަމުން ނަންދެވިފައިވާ މިއަހަރަކީ ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާއި ތަރައްޤީ ރަމްޒުކޮށްދޭ އަހަރެކެވެ. އަދި މި މުނާސަބަތުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޗައިނާގެ ރައްޔިތުންނަށް މުސްތަޤުބަލުގައިވެސް ފާގަތި ދުވަސްތަކެއް ލިބުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށްވެސް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ