ފަނަރަ އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން 35 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ ނަމަކަށް ކިޔާ މީހެކެވެ. ކްރައިމް އިންޓެލިޖެންސް އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި އެކްސްޕްލޮއިޓޭޝަންގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގައި، އެކުދިން ގްރޫމްކޮށްގެން ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މީހުން ހޯދައި، އެމީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ