ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ވަގުތީ ރޯދަ މާރުކޭޓު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެއްޖެއެވެ.
ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު ތަރައްގީކޮށްފައިވާ މި މާރުކޭޓަކީ، ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރޯދަ މަހަށް ބޭނުންވާ ތާޒާ ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފައިވާ ތަނެކެވެ. މާރުކޭޓު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދަނީ ގޮޅިތައް ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މި މާރުކޭޓުގެ އެންމެ ޚާއްސަ ކަމަކީ، މާރުކޭޓުން ދޫކުރާ ގޮޅިތަކަށް އެއްވެސް ކުއްޔެއް ނަގަން ނިންމާފައި ނުވާކަމެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ގޮޅިތައް ދޫކުރާނީ މުޅިން ހިލޭއެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދީފައިވަނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި ކާބޯތަކެތީގެ އެކި ބާވަތްތަކެވެ.
ކޮމެންޓު ފޮނުވާ