ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެ ގައުމުގެ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ޕާޓީއަށް މަރުޙަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ އުންމީދު އާކުރައްވައިފިއެވެ.
މި އިންތިޚާބުގައި ބީއެންޕީއިން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް މަރުޙަބާ ވިދާޅުވެ ރައީސް ދެއްވި މެސެޖުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ. އަދި އަލަށް އުފެދޭ ބީއެންޕީގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ފުޅާވެ، ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނުގެ އެބައޮތްކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތަކުން ހާމަކުރާ ވަގުތީ ނަތީޖާއަށް ބަލާއިރު، ބީއެންޕީއާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 211 ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. އެ ޕާޓީއާ އެންމެ ގާތުން ވާދަކުރި ޖަމިއްޔަތުލް އިސްލާމަށް 70 ގޮނޑި ލިބުނުއިރު، އެހެނިހެން ޕާޓީތަކަށް ލިބިފައިވަނީ އެންމެ ހަ ގޮނޑިއެވެ.
ކޮމެންޓު ފޮނުވާ