ފުރާނައަށް ނުރައްކާވާ ބަލިމީހުންނަށް ޕެންޝަން ފައިސާ ނެގޭ ބިލާ މެދު އިދާރާތަކުގެ ލަފާ ހޯދަނީ

ފުރާނައަށް ނުރައްކާވާ ބަލިމީހުންނަށް ޕެންޝަން ފައިސާ ނެގޭ ބިލާ މެދު އިދާރާތަކުގެ ލަފާ ހޯދަނީ

Author
ހުސައިން
11 ފެބްރުއަރީ 2026 07:34
0

ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް، ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ޕެންޝަން އޮފީހާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިތުރުން ނޭޝަނަލް ޕޭ ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށް ލަފާ ހޯދުމަށެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ތާއީދުކުރެއްވި މި ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، އެކަށީގެންވާ ސިއްހީ ފަރުވާ ދިން ނަމަވެސް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރުން ކަނޑައަޅާ "ޓާމިނަލް އިލްނަސް" ގެ ހާލަތުގައި ތިބޭ މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން، އުމުރުން 65 އަހަރު ނުވި ނަމަވެސް، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ތެރެއިން އެމީހަކު ބޭނުންވާ މިންވަރެއް ނުވަތަ އެއްކޮށް ވެސް ފައިސާ ނެގޭނެ ގޮތް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ ދެއްކުމުން، ބާކީ 80 އިންސައްތަ ޕެންޝަން ފަންޑުން ދެއްކޭނެ ގޮތް ހެދުމާއި، ހައްޖަށް ދިއުމަށް ޖާގަ ރިޒާވް ކުރުމަށް ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުން ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ހަމައެކަނި ފްލެޓް ގަތުމުގެ ބަދަލުގައި، ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ވެސް ޕެންޝަން ފައިސާ ކޮލެޓްރަލައިޒް ކުރެވޭނެ ގޮތަށް ގާނޫނު ބަދަލުކުރުމަށް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.