ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވައުދުވުމަކީވެސް ގާތްކަމެއް ކަމަށް ވިދާޅުވެ އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ނިޒާރުގެ ރައްދެއް އިދިކޮޅު ކެންޑިޑޭޓް މުހައްމަދު ލަތީފަށް ދެއްވައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކަޑެމީ، ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އަލީ ނިޒާރު ވިދާޅުވީ މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ނިމިދިިޔަ ސަރުކާރުން ގެންނެވި ބަދަލުތަކުން ވެފައިވާ ގެއްލުންތަކުގެ ވާހަކަވެސް ކުރެއްވި ޓްވީޓުގައި ހިމަނާފައެވެ.
ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން ވައުދުވުމަކީވެސް ގާތްކަމެއް. އީސީސީ، ސިޓީ ސްކޮއާ ދޮންދީނާ މޮމެންޓް، ފޭދޫ އަދި މަރަދޫ ބޮޑު މަގަށް ގޮތް ބަލަންތިބީ އައްޑޫ ރައްޔިތުން. އެއީ ވީރާނާ ފިކުރެއް.
– އަލީ ނިޒާރު ވިދާޅުވިއެވެ.
ރޭ ޗެނަލް13 ގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކެންޑިޑޭޓް ލަތީފް ވިދާޅުވީ އިންޑިއާގެ މިލިޓްރީ ބޭސް ހަދަމުން ދަނީ އައްޑޫގެ އެންމެ މުހިއްމު ސަރަހައްދުގައި ކަމަށެވެ.
މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ އެންމެން ގުޅިގެން މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން.
– ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އިންޑިއާ އިން އައްޑޫގައި އިމާރާތް ކުރަމުން ގެންދަނީ އަސްކަރީ ބޭސްއެއް ކަމަށް ރައްޔިތުން ބުނަމުން ގެންދާއިރު އައްޑޫ ސިޓީ ކައުންސިލުން ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަނުން ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދޭކަމަށެވެ.
ކޮމެންޓު ފޮނުވާ