ތެލެސީމިއާއަށް ޚާއްސަ ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް މޯލްޑިވްސް ބްލަޑް ސާވިސަސްގައި ފަށައިފި

ތެލެސީމިއާއަށް ޚާއްސަ ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް މޯލްޑިވްސް ބްލަޑް ސާވިސަސްގައި ފަށައިފި

Author
ހުސައިން
08 ފެބްރުއަރީ 2026 08:07
0

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ތެލެސީމިއާ އަދި ހީމޮގްލޮބިންއާ ގުޅޭ ތަހުލީލުތައް ހެދުމަށް ގާއިމުކުރި ޒަމާނީ ޑީއެންއޭ ލެބޯޓްރީ ހުޅުވައި، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު އާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކުރި މި ލެބޯޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ އަބްދުއްރައްޒާގު ވިދާޅުވީ، މިއީ އާއިލީ ގޮތުން ވާރުތަކުރާ ލޭގެ ބަލިތައް ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ލެބުން ލޭގެ މިއުޓޭޝަންސްގެ 27 ބާވަތެއް ދެނެގަނެވޭނެއެވެ. އަދި މި ތަހުލީލުތަކަށް ބޭނުންކުރާ ކިޓްތައް ފަރުމާކޮށްފައިވަނީ ދިވެހިންގެ މެދުގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ރިއާޔަތްކޮށް، ދިވެހިންނަށް ޚާއްސަ މިންގަނޑަކުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޚިދުމަތުގެ ސަބަބުން ކައިވެނީގެ ކުރިންނާއި ޅައުމުރުގައި ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، މިއީ ތެލެސީމިއާގެ ނިސްބަތް ކޮންޓްރޯލްކުރުމަށާއި، ކުރިމަގުގައި ފެށުމަށް ހަމަޖެހިފައިވާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތަށް މަގުފަހިވެ، އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ލުޔެއްކަމަށް ވެސް އަބްދުއްރައްޒާގު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.