އޮބާމާގެ ދެކަނބަލުން ރާމާމަކުނަށް ހަދާ ވީޑިއޯ އާންމުކުރުމުން ޓްރަމްޕަށް ފާޑުކިޔުން؛ މައާފަށް އެދެން ދެކޮޅު ހަދައިފި

އޮބާމާގެ ދެކަނބަލުން ރާމާމަކުނަށް ހަދާ ވީޑިއޯ އާންމުކުރުމުން ޓްރަމްޕަށް ފާޑުކިޔުން؛ މައާފަށް އެދެން ދެކޮޅު ހަދައިފި

Author
އައިޝަތު އަޙްމަދު
07 ފެބްރުއަރީ 2026 06:08
0

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ރާމާމަކުނުގެ ސިފައިގައި ދައްކުވައިދޭ ވީޑިއޯއެއް ހިއްސާކުރެއްވުމަށް ފަހު، އެއީ އޮޅުމަކުން ހިއްސާކުރެވުނު އެއްޗެއް ކަމަށް ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް މައާފަށް އެދިވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިއެވެ.

ހުކުރު ދުވަހު އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ މީސް މީޑިއާ އެކައުންޓުން އެ ވީޑިއޯ ހިއްސާކުރީ ކެމްޕޭން މުވައްޒަފެއް ކަމަށާއި، ވީޑިއޯގެ ފަހަތުގައި އޮބާމާގެ ދެކަނބަލުން އެފަދަ ގޮތަކަށް ސިފަކޮށްފައިވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބެއްލެވީ ހަމައެކަނި 2020 ވަނަ އަހަރުގެ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނާ ބައި ހިމެނޭ ވީޑިއޯގެ ފެށޭކޮޅު އެކަނި ކަމަށާއި، އެފަދަ ދަށު ދަރަޖައިގެ މަންޒަރުތަކެއް އޭގައި ހިމެނޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން ޓްރަމްޕް ވަނީ، މައާފަށް އެދެންޖެހޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ އެކަމަށް އިންކާރު ކުރައްވާފައެވެ. ގާތްގަނޑަކަށް 62 ސިކުންތުގެ މި ވީޑިއޯގައި ރައީސް ޖޯ ބައިޑަން އާއި ހިލަރީ ކްލިންޓަން ފަދަ ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުން ވެސް އެކި ޖަނަވާރުގެ ސިފައިގައި ދައްކުވައިދީފައިވެއެވެ. ވައިޓް ހައުސްއިން ފުރަތަމަ މިއީ އާދައިގެ "މީމް" އެއް ކަމަށް ބުނެ ދިފާއުކުޅަ ނަމަވެސް، ފާޑުކިޔުންތައް އިތުރުވުމުން ފަހުން ވަނީ ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' އިން އެ ވީޑިއޯ ނަގާފައެވެ.

މި އަމަލާ ގުޅިގެން ޓްރަމްޕްގެ އަމިއްލަ ޕާޓީ، ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސެނެޓާ ޓިމް ސްކޮޓް މިއީ ވައިޓް ހައުސްއިން ފެނުނު ނަސްލީ ތަފާތުކުރުން އެންމެ ބޮޑު އަމަލުގެ ގޮތުގައި ސިފަކުރެއްވިއިރު، ސެނެޓާ ޖޯން ކާޓިސް އާއި ރެޕްރެޒެންޓޭޓިވް މައިކް ލޯލާ ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މައާފަށް އެދުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އިދިކޮޅު ޑިމޮކްރެޓުން ވެސް ވަނީ މިއީ ޓްރަމްޕްގެ ކިބައިގައި ހުރި ނަސްލީ ތަފާތުކުރުމުގެ ސިފަ ހާމަވާ ކަމެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި މައްސަލައިގައި އޮބާމާގެ ދެކަނބަލުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.