ޓޫރިޒަމަށް ދޫކުރި 20 ތަނުން ދައުލަތަށް 234 މިލިއަން ރުފިޔާގެ އާމްދަނީއެއް

ޓޫރިޒަމަށް ދޫކުރި 20 ތަނުން ދައުލަތަށް 234 މިލިއަން ރުފިޔާގެ އާމްދަނީއެއް

Author
ޙަސަން މުޙައްމަދު
07 ފެބްރުއަރީ 2026 09:51
0

ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި މިދިޔަ އަހަރު ހުޅުވާލި 20 ތަނަކުން، އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް 15.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 234 މިލިއަން ރުފިޔާ) ލިބޭނެކަމަށް އަންދާޒާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ފަޅުތަކާއި ރަށްރަށުގެ ފަޅުން ހިއްކައިގެން ތަރައްގީކުރުމަށް ޖުމްލަ 20 ތަނެއް ވަނީ ބީލަމަށް ލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފަޅުތައް ހިމެނޭހެން ދޫކުރި 8 ޕްލޮޓަކާއި، ރަށްރަށުގެ ފަޅުން ހާއްސަކުރެވުނު 12 ސަރަހައްދެކެވެ. މި ހުރިހާ ތަނެއްގެ ބީލަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

މި މަޝްރޫއުތަކުން ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ލިބޭނެކަމަށް ދައްކަނީ ފ. މަގޫދޫގެ ހަތަރު ސަރަހައްދުންނެވެ. އެއީ ޖުމްލަ 6 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ހއ. މާދުނީ ފަރުގެ ތިން ސަރަހައްދާއި، ހދ. މާފަރުގެ ތިން ސަރަހައްދުގެ އިތުރުން ށ. ގޮނާ ފަރުގެ ތިން ސަރަހައްދުން، ކޮންމެ ތަނަކުން 2.1 މިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. އަދި ހދ. މަކުނުދޫ ފަރުގެ ދެ ސަރަހައްދުން 1.4 މިލިއަން ޑޮލަރު ލިބޭނެކަމަށް ބެލެވޭއިރު، ހއ. ކެލާގެ ދެ ފަޅުން 600,000 ޑޮލަރު ލިބޭނެކަމަށް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ށ. ފުނަދޫ އާއި ފ. ނިލަންދޫގެ ދެ ޕްލޮޓުން، ކޮންމެ ތަނަކަށް 150,000 ޑޮލަރުގެ ރޭޓުން އެކުއެޒިޝަން ކޮސްޓް ލިބޭނެއެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އަލަށް ދޫކުރި މި ކޮންމެ ތަނެއްގައި ވެސް މަދުވެގެން 50 ކޮޓަރި ނުވަތަ 100 އެނދު ތަރައްގީ ކުރަން ޖެހެއެވެ. މި މަޝްރޫއުތައް ނިމިގެންދާއިރު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު 1,400 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.