މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިންގުނު އޮޕަރޭޝަންތަކުގައި 1366 ކިލޯ (1.3 ޓަން) ގެ މަސްތުވާތަކެއްޗާއި 14،825 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާ ކަމަށެވެ. މިއީ އޭގެ ކުރިން ވެރިކަން ކުރި ތިން ސަރުކާރުގެ ވެސް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އަތުލައިގަނެވުނު މިންވަރަށްވުރެ އިތުރު އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި މުއްދަތުގައި އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަސައްކަތް ކަމަށްވާ "އޮޕަރޭޝަން އަލިމަގު" ގެ ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 214 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 271 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 37 ފަރާތެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދަޢުވާކުރުމަށް ފޮނުވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ހަމައެކަނި "އޮޕަރޭޝަން އަލިމަގު" ގައި ވެސް 712 ކިލޯގެ މަސްތުވާތަކެއްޗާއި 7240 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަން ފާހަގަކުރައްވައި، އެ ތަކެތީގެ މަގުމަތީ އަގު ވެސް އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ