ރާއްޖޭގައި މިވަގުތު ލިބެން ނެތް ރޭޑިއޭޝަންގެ ފަރުވާ ހިމަނައިގެން، ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނު އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މި ސެންޓަރު ވެގެންދާނީ ކެންސަރު ބަލި ދެނެގަނެ، އެކަމަށް ފަރުވާ ދިނުމުގެ ނިޒާމު ރާއްޖޭގައި އިތުރަށް ހަރުދަނާވެގެންދާނެ ތަނަކަށް ކަމަށެވެ.
ސިއްހީ ދާއިރާއިން މިއަހަރު ކުރިއަށް ގެންދާނެ ކަންކަން ހާމަކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އަލަށް ގާއިމްކުރާ ކެންސަރ ޑައިގްނޯސްޓިކް ސެންޓަރުގައި ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރެއް ހުންނާނެ އެވެ. މިއީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ މުހިންމު ޚިދުމަތެއް ނަމަވެސް، މިވަގުތު ރާއްޖެއިން ލިބެން ނެތް ހަމައެކަނި ފަރުވާކަން ރައީސް ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ