ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ "އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް" ގެ ގޮތުގައި އުސްގެކޮޅު ތަރައްގީކޮށް، މިއަހަރުގެ ތެރޭގައި ހުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނު އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އުސްގެކޮޅާއި އެ އިމާރާތް ހިމެނޭ ސަރަހައްދުގައި އެ މިއުޒިއަމް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިއީ ތާރީހީ "ޑިޖިޓަލް ދާރުއާސާރެއް" ގެ ގޮތުގައި ސިފަކުރައްވައި، މިއަހަރު އެތަން ހުޅުވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގައި ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން ތުނޑުކުނާ ވިޔުމާއި، ތިލޭރުކަމާއި، މާވަޑިކަމާއި، ލިޔެލާ ޖެހުމާއި، ކަސަބު ގެތުން ފަދަ ސަގާފީ މަސައްކަތްތަކުގެ ގައުމީ ސަނަދުގެ ލެވެލް 3 ގެ ސްޓޭންޑަޑަށް ޓްރޭނިން ޕެކޭޖް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަގާފީ މަސައްކަތްތައް ދަސްކޮށްދިނުމަށް ޚާއްސަ މަރުކަޒުތަކެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ އެވެ. އޭގެ ތެރޭގައި ބ. ތުޅާދޫގައި ލިޔެލާ ޖެހުން ދަސްކޮށްދޭ މަރުކަޒަކާއި، ދ. ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއްގެ އިތުރުން ގދ. ގައްދޫގައި ތުނޑުކުނާ ވިޔުން ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ