ރާއްޖޭގެ ފުރަތަމަ ވިޔަފާރި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކޮށް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުލި ނުނަގާ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ސިޓީ ހުޅުވާލަން ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސް މިކަން އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ އާއި، އައްޑޫ ހުޅުދޫ އަދި މީދޫ ހިމެނޭހެން މުޅި އަތޮޅު، 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޚާއްސަ ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ އެވެ.
މި މުއްދަތުގައި އެ ސަރަހައްދުގައި އިންވެސްޓުކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން އިސްތިސްނާ ކުރުމާއި، އެހެނިހެން އިތުރު އިނާޔަތްތައް ދިނުން ހިމެނެ އެވެ.
މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މަގުފަހިކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށާއި، މިކަމުގެ ސަބަބުން އެ ސިނާއަތް ފުޅާވެ، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މިކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ، އިދާރީ އަދި ފަންނީ އޮނިގަނޑު މިއަހަރުގެ ތެރޭގައި އެކުލަވާލައްވައި ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، މި ފުރުސަތުގެ ބޭނުން ހިފައި އައްޑޫ އަތޮޅަކީ ރާއްޖޭގެ "އައިޓީ ހަބް" ގެ ގޮތުގައި ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފަ އެވެ. ރައީސް ވިދާޅުވީ މިއީ ހަމައެކަނި އައްޑުއަށް އޮތް ފައިދާއެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ