ދަރަނި އަދާކުރަން ނަގާ ލޯނުގެ އިންޓަރެސްޓް %9 އަށް ވުރެ ބޮޑުނުވާނެ: ރައީސް

ދަރަނި އަދާކުރަން ނަގާ ލޯނުގެ އިންޓަރެސްޓް %9 އަށް ވުރެ ބޮޑުނުވާނެ: ރައީސް

Author
ހުސައިން
05 ފެބްރުއަރީ 2026 10:28
0

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 9 އިންސައްތައަށްވުރެ ބޮޑުވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ދެ ސަރުކާރުން މާލީ ކަންކަން ބެލެހެއްޓި ގޮތުން ފައިނޭންސިން ކޮސްޓް 10.5 އިންސައްތައަށް އަރައިގެން ދިޔަ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދަރަނި ރީފައިނޭންސް ކުރާނީ ޒިންމާދާރުކަމާއެކު، ސިންގަލް ޑިޖިޓް ނުވަތަ 9 އިންސައްތައަށްވުރެ ދަށުގެ ރޭޓުތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 2 މިލިއަން ޑޮލަރު ނަމަވެސް، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު އެ އަދަދު 275 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ 150 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާނީ އެ ފަންޑުގައި ޖަމާކޮށްފައިވާ ބޭރު ފައިސާއިން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އަބޫދާބީ ފަންޑުން 2018 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑުގެ މުއްދަތު އިތުރު 5 އަހަރަށް ފަސްކޮށްދީފައިވާކަމަށާއި، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 150 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އައިއެމްއެފް ފަދަ އިދާރާތަކުން ރާއްޖޭގެ ދަރަނީގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބުރަ ނުވާނެހެން ފަރުވާތެރިކަމާއެކު މާލީ ނިޒާމު ހަމަމަގަށް އެޅުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.