މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، އެކުދިންނަށް ތަޢުލީމާއި ތަމްރީނު އަދި ފަރުވާގެ ކަންކަމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި މުހިންމު ބައްދަލުކުރެއްވުމުގައި، އެ ޔުނިޓުގެ ފަރާތުން ވަނީ އޯޓިޒަމް އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދިމާވެފައިވާ މައިގަނޑު ދަތިތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
މި ބައްދަލުވުމުގައި ބެލެނިވެރިން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ސްކޫލްތަކުގައި އެކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާއި، ވޮކޭޝަނަލް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ފުރުޞަތުތައް ސްކޫލް މާޙައުލުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ކުދިންނަށް ކޮންމެހެން ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް ހޯދުމުގައި މިހާރު ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ތަފްސީލުވެސް ބެލެނިވެރިން ވަނީ ރައީސާ ޙިއްސާކުރައްވާފައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލްތަކުގައި ޤުރުއާން ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ބެލެނިވެރިން އެދިވަޑައިގެންނެވިއެވެ.
ބެލެނިވެރިންގެ ފަރާތުން ހުށަހެޅުއްވި މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި، ތެރަޕީއާއި ތަޢުލީމާއި އަދި ހުނަރުވެސް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ޚާއްޞަ ސެންޓަރެއް ސަރުކާރުން ޤާއިމްކޮށްދެއްވުން ހިމެނެއެވެ. އަދި ޑިސްއެބިލިޓީ ކައުންސިލް މިހާރު އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަށްވެސް މި ބައްދަލުވުމުގައި ހުށަހަޅާފައިވެއެވެ. ބެލެނިވެރިންގެ ވާހަކަފުޅުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުށަހެޅުއްވި ކަންކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ