ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުން ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދީފި

ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުން ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ދީފި

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 07:30
0

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމަކީ ޕެންޝަން ފަންޑަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫން ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ. އެ އޮފީހުން މިކަން ހާމަކޮށްފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ބޮންޑުގެ މައްސަލައިގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހުށަހަޅާފައިވަނީ "ޑުއަލް ކަރަންސީ" ނުވަތަ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެކެވެ. މި އައު އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ، ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ކަމަށް އެ އޮފީހުގެ ބަޔާނުގައި ތަފްސީލުކޮށްދީފައިވެއެވެ.

މި އިންވެސްޓްމަންޓާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޕެންޝަން އޮފީހުގެ ބޯޑުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަންޑަށް ގެއްލުމެއް ނުވާނެ ގޮތް ކަށަވަރު ކުރުމަށެވެ. އެގޮތުން، އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް (ޑައިވާސިފައިކޮށް)، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމަށް ކޮންސަލްޓަންޓުން ދީފައިވާ ލަފަޔާ އެއްގޮތަށް، ޑޮލަރުން ފައިދާ ލިބޭ ބޮންޑެއްގައި އިންވެސްޓްކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮފީހުން ދެކެއެވެ. މީގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓްތަކުގެ ތެރެއިން ޕެންޝަން ފަންޑުގައި ޑޮލަރުގެ ރިޒާވެއް އުފެދިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި މުއާމަލާތުގެ ސަބަބުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބައެއް ކުރު މުއްދަތުގެ ޓްރެޜަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، މުޅި ޕޯޓްފޯލިއޯގެ ރިޓާން އިތުރުވެގެންދާނެ ކަމަށްވެސް ޕެންޝަން އޮފީހުން ފާހަގަކުރެއެވެ. ޕެންޝަން އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ސަރުކާރުން ނަގަން މަސައްކަތް ކުރާ މި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.