ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާ ނިސްބަތަށް ބަލައި، ދެވަނަ ފިޔަވަހީގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ ސްކޫލަކާއި މަތީ ސާނަވީއަށް ޚާއްސަ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ސްކޫލްތަކުގެ ޖާގަ މިހާރު ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. އެހެންކަމުން، އެންމެ ބާރަށް އާބާދީ އިތުރުވަމުން އަންނަ ދެވަނަ ފިޔަވަހީގައި އަޅާ އާ ސްކޫލުގެ ކޮންސެޕްޓް ފައިނަލްކޮށް، މިހާރު ކުރިއަށްދަނީ ޑިޒައިން ކުރުމުގެ މަރުހަލާއެވެ. މިނިސްޓަރު ލަފާކުރައްވާ ގޮތުގައި ލަސްވެގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ސްކޫލުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
މިކަމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދާދި ފަހުން ހުޅުވުނު ޝަހީދު އަލީ ސްކޫލަށް ވެސް އަންދާޒާ ކުރި ވަރަށް ވުރެ ގިނައިން ކުދިން ވަދެފައިވާ ކަމަށެވެ. ފަހިދިރިއުޅުން ފްލެޓްތަކަށް މީހުން ބަދަލުވުމާ ގުޅިގެން އެ ސްކޫލުގެ އާބާދީ 2،000 އިން މައްޗަށް އަރާފައިވާއިރު، އަންނަ އަހަރަށް އެތަނުން ދެވޭނީ ގާތްގަނޑަކަށް 600 އެއްހާ ޖާގައެވެ. އެހެންކަމުން 2027 ވަނަ އަހަރު އަންނަންވާއިރަށް އިތުރު ސްކޫލެއް ނާޅައިފިނަމަ، ދެވަނަ ފިޔަވަހިން ދަރިވަރުންނަށް ޖާގަ ދިނުމަކީ ދަތިކަމަކަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަތީ ސާނަވީ ނުވަތަ އޭލެވެލްއަށް ކިޔަވައިދޭނެ ޚާއްސަ ސްކޫލެއް ވެސް ދެވަނަ ފިޔަވަހީގައި އެޅުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ފުޅާކޮށް، ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް ސިޔާސަތަށް ގެނައި ބަދަލާއެކު، މަތީ ސާނަވީއަށް ވަންނަ ކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ދެވަނަ ފިޔަވަހީގައި މިހާރު ހުރި ސްކޫލްތަކާ ކައިރި ހިސާބެއްގައި އޭލެވެލް ސެންޓަރެއް ޤާއިމުކުރުމަކީ ދަރިވަރުންނަށް ލުއިފަސޭހަވެގެންދާނެ ކަމެކެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގައި މިވަގުތު ހުރި ސްކޫލްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، ސަލާހުއްދީން ސްކޫލާއި ރެހެންދި ސްކޫލް ފަދަ ތަންތަނުގެ އާބާދީ ވަނީ 2،400 އިން މައްޗަށް އަރާފައެވެ. އަދި ޝަހީދު އަލީ ސްކޫލާއި ހުރަވީ ސްކޫލުގައި ވެސް 2،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ